މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކަލިޔާ ބިރިންޖީ |
|
|
| ދިވެހި - ސުފުރާ | |
| 20 ނޮވެމްބަރ 2010، 17:59 ހޮނިހިރު | |
|
ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ކަލިޔާ ބިރިންޖީއަކީ، ދިވެހިންގެ ''ފޮލާ'' ނުވަތަ ''ބިރިޔާނީ'' އެވެ. އިހުޒަމާނުގައި ދިވެހިންގެ އެންމެ ޤަދަރުހުރި ކާނާއަކީ، ކަލިޔާބިރިންޖީ އާއި، މިރުހުލީ ކުކުޅެވެ. ކޮންމެ މޮޅު ގެ އެއްގައި ޢީދުގެ އުފާވެރި ކެއުމަކަށްވަނީ އެ ކެއުމެކެވެ. އެކި ފުއް ވަކިވަކީން ހުންނާނެހެން، ކައްކާފައި ހުންނަ ''މުސްކުޅި'' ކަލިޔާ ބިރިންޖީ........
އޭގެ މީރުކަމާމެދު، ވަކީން ދަންނަވާނީ ވެސް ކީކޭތޯ އެވެ؟ ރަހަ އެނގިވަޑައިގަންނަވާނީ، ހަމަ ފަރިއްކުޅުއްވުމުންނެވެ. ބޭނުންވާ ތަކެތި؛ހަނޑޫކާށި ކަރަންފޫ ކާފޫރުތޮޅި ފޮނިތޮށި ފިޔާ އިނގުރު ދިރި ގިތެޔޮ ކާށިތެޔޮ ކައްކާނެ ގޮތް؛އެންމެ ފުރަތަމައިން ދަންނަވަންވީ ތަކެތި ބޭނުން ކުރަންވީ ވަރެއް ދޮގެއްތޯ އެވެ؟ ކަލިޔާބިރިންޖީއަކީ، ވަރަށް ގިނަ މީހުންނަށް މީރު އެއްޗެކެވެ. އެހެންކަމުން ކައްކާނީ ނާޅިއެއްގެ ބަތް ދޮގެއްތޯ އެވެ؟ އާދެ! ހަނޑޫ ނާޅިއެއް، ހެޔޮވަރުގެ ކާށްޓެއްގެ ކިރު، ކަރަންފޫ 6 ކާފޫރުތޮޅި 6 އެއާ އެޅޭވަރުގެ ފޮނިތޮށިކޮޅެއް. ފިޔާ ގައު 1/3، ރަހަ ހިފާވަރަށް އިނގުރުކޮޅެއް، ދިރިކުޅަނދު 1، ގިތެޔޮ ގައު 1 ކާށިތެޔޮ ކުޑަ އެތި ފޮދެއް. އެންމެ ފުރަތަމައިން، ރަނގަޅަށް ހަނޑޫ ދޮންނެވުމަށްފަހު، ގޮށްޓަކަށް ނަންގަވާށެވެ! އޭގެ ތެރެޔަށް ދިރިކޮޅު އަޅުއްވާލައްވާށެވެ! ކާށީން ކިރު ފެއްލަވައި އެއްޗަކަށް އަޅުއްވާފައި އިހަށް ބަހައްޓަވާށެވެ! ދެން ކުރައްވާންވި ކަމަކީ، ފިޔަޔާއި އިނގުރާއި، ކޮށްޓަވައި، އެ އެއްޗެތީގެ މަތީން އަރާވަރަށް ފެންފޮދެއް އަޅުއްވާފައި ބެހެއްޓެވުމަށް ފަހު، ފޮނިތޮށްޓާއި، ކާފޫރުތޮޅިއާއި، ކަރަންފޫ ވެސް، އޭގެ ފެން ބޭނުން ކުރެއްވޭނޭ ގޮތުގެ މަތީން، ފެންފޮދަކަށް އެޅުއްވުމެވެ. ދެން ގިތެލާއި ކާށިތެޔޮ، މީރުކުރާން އުއްދަވާށެވެ. ލޮނުފޮދަކާއި، ފިޔާފެނާއި، ފޮނިތޮށި، ކާފޫރުތޮޅި ފެނާއި އަޅުއްވައިގެން، ގިތެޔޮ މީރުކުރައްވާށެވެ! ގިތެޔޮގަނޑު ރަނގަޅަށް މީރުވުމަށްފަހު، އޭގެތެރެޔަށް ހަނޑޫ އަޅުއްވައިގެން ހަނާކުރައްވާށެވެ! ހަނާކުރައްވާނީ ދިޔަ ހިކި، ހަނޑޫގަނޑު ރަނގަޅަށް ހަނާވަންދެންނެވެ. ރަނގަޅަށް ހަނާވުމަށްފަހު، ކިރު އަޅުއްވައި ދިޔަވަރު ހެޔޮވަރު ވަންދެން، ފެން އަޅުއްވާށެވެ! ދެން ލޮނު ހެޔޮވަރު ކުރައްވައިގެން، ކައްކަވަމުން ގެންދަވާށެވެ. މަތިން ހިނދެން ކައިރިވުމަށްފަހު، ކުރިން ތައްޔާރު ކުރައްވާފައިވާ، ''ފިޔާ'' ފެނާއި، ފޮނިތޮށި ކާފޫރުތޮޅި ފެން އަޅުއްވައި، ރަނގަޅަށް ހައްލަވައިލެއްވުމަށްފަހު، ބާލުއްށެވެ! ------------------------------- (ނިމުނީ) ހަވާލާ: މުޙަންމަދު އަމީން (1949). ކަރުނަޔާ ނުލައި ކެއްކުން، ނޮވެލްޓީ ޕްރެސް، މާލެ. މި ލިޔުން: ޓައިޕުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) އަލުންބެލުން: '' '' ޝާއިޢުކުރުން: '' ''
|
| ހަމަ މި ގަލަމުން |
|---|