މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ލެއިން ކަޅިވެ ގޮށްމުށުން ޖެހުނު ސިއްކަ |
|
|
| ޒީނަތް - ޒީނަތް | |
| 21 ޖެނުވަރީ 2010، 10:30 ބުރާސްފަތި | |
|
ޢަބްދުލްމުޢީދު ޙަސަން
"ޠުޣުރާ" އަކީ، ތަތާރުންގެ ބަހުގެ ލަފުޒެއް ކަމަށް ބުނެވެ އެވެ. ޠުޣުރާގައި ހިމެނެނީ، ރަސްގެފާނު ނުވަތަ ޙާކިމުގެ ނަމާއި އޭނާގެ ލަޤަބުތަކެވެ. އެންމެ ފުރަތަމަ ޠުޣުރާ ބޭނުންކުރެއްވީ، ޢުޘްމާނީ ދައުލަތުގެ ތިންވަނަ ސުލްޠާނު، މުރާދު (1) ކަމަށް ބުނެވެ އެވެ. ޠުޣުރާގެ އަޞްލަކީ ކޮބައިކަން ބުނެދޭ ދެ ރިވާޔަތެއް ވެ އެވެ. ތިރީގައި މިވަނީ އެ ދެ ރިވާޔަތެވެ.
ފުރަތަމަ ރިވާޔަތް ޠުޣުރާއަކީ، ބޯދާ ފޯކުލޯރުގެ ވާހަކައެއްގައި ނަންގަނެވިފައިވާ ދޫންޏެއްގެ ރަމްޒެކެވެ. ޠުޣުރާ ލިޔެވެނީ، އެދޫނީގެ ފިޔައިގެ ހިޔަލުގެ މާނައިގަ އެވެ. އޯޣުޒު ރަސްރަސްކަލުން އެ ދޫންޏަށް ތަޤުދީސްކޮށްފައި ވެ އެވެ. (އޯޣުޒު ނުވަތަ ޣުޒުންނަކީ، ތުރުކީންގެ ކާބަފައިންގެ ގޮފިތަކުގެ ތެރެއިން ގޮތްޕެކެވެ.)
ދެވަނަ ރިވާޔަތް ޖަންކީޒުޚާނުގެ ކާފަދަރިކަލުން، ތައިމޫރުލިންކާއި، ސުލްޠާން ބާޔަޒީދު ބްނު މުރާދު (1) އާ ދެމެދުގައި އޮތް ގުޅުން ދެބަސްވުމުގެ ފައްތަރަކަށް ވާޞިލުވި އެވެ. އެހިނދު، ތައިމޫރުލިންކު ހަނގުރާމަ އިޢުލާންކުރައްވައި، ބާޔަޒީދަށް އިންޒާރެއް ފޮނުއްވި އެވެ. އެ އިންޒާރުގައި އޭނާ ސިއްކަ ޖެއްސެވީ، ގޮށްމުށުންނެވެ. ދެއްޔަކަށް ބޭނުންކުރެއްވީ ލެޔެވެ. ދެން އެއަށްފަހު، އެ ސިއްކަ ތަރައްޤީވަމުން ދިޔައެވެ. އަދި ޢުޘްމާނީ ދައުލަތުގެ ރަސްރަސްކަލުން، "ޠުޣުރާ" ލިޔުއްވުމަށް އޭގެ ބޭނުންކުރެއްވި އެވެ.
މިޒަމާނުގެ ޠުޣުރާ މިޒަމާނުގައި އަޅުގަނޑުމެންނަށް މިފެންނަ، "ޚައްޠުއް ޠުޣުރާ" މިވަނީ، ވަރަށް ބޮޑަށް ތަރައްޤީވެފަ އެވެ. އެންމެ ފުރަތަމަ ޠުޣުރާ ލިޔެވުނީ، ޘުލުޘު ލިޔުމުން ކަމަށް ވިޔަސް، ފަހުން އޭގެތެރެއަށް ދީވާނީ ލިޔުން އިތުރުކުރެވުނެވެ. ޢަރަބި ލިޔުމުގެ ފަންނާނުން ކަމުގައިވާ، ޚައްޠާޠުން މިކަންކުރީ، ޠުޣުރާ ތަރައްޤީކޮށް ރީތިކުރުމަށްޓަކަ އެވެ. ޘުލުޘު ލިޔުމަކީ، ހައިބަތާއި ޝަޚުޞިއްޔަތު ލިބިގެންވާ، ހަރުދަނާ ލިޔުމެކެވެ. އެ ލިޔުމަށް "އުންމުލް ޚުޠޫޠު" (ލިޔުންތަކުގެ މަންމަ) ގެ ނަން ދެވިފައި ވެ އެވެ. ދީވާނީ ލިޔުމަކީ، ޗާލޫކަމާއި ޖަޒުބާތުން ފުރިގެންވާ، އިބްދާޢީ (ކްރިއޭޓިވް) ލިޔުމެކެވެ. މިހާރު ޠުޣުރާ ގައި ވަނީ، މި ދެ ލިޔުމުގެ ސިފަތަކުން ސިފަޖެހިފަ އެވެ. ބައެއް ޚައްޠާޠުން ކޫފީ ލިޔުމުން ވެސް ޠުޣުރާ ލިޔެ އެވެ. އަދި މިނޫން ލިޔުންތަކުން ވެސް ޠުޣުރާ ލިޔެވިދާނެ އެވެ. ޠުޣުރާ ލިޔުމުގައި މައްޗަށް އުފުލިފައިވާ ތިން އަލިފު ތަމްސީލުކުރަނީ، ކުޑަވާ އިނގިއްޔާއި ކަށި އިނގިއްޔާއި މެދު އިނގިއްޔެވެ. ޠުޣުރާގައި ހިމަނާ ލިޔުންކޮޅުގައި، ތިން އަލިފު ނުވަތަ ތިން ލާމު ނެތްނަމަ، ޚިޔާލީ އަލިފެއް، އަލިފަކަށް ނުވާގޮތަށް ލިޔުމަކީ، ހުއްދަ ކަމެކެވެ. މިފަލްސަފާ އައިސްފައިވަނީ، ތައިމޫރުލިންކު، ލެއިން ޖެއްސެވި ގޮށްމުށުގެ ސިއްކައިންނެވެ. އަދި މިނޫނަސް، ޠުޣުރާ ލިޔުމުގެ ހަމަތައް، އެ ސިއްކައިން އައިސްފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ. ޠުޣުރާ ލިޔުމުން އެންމެ ރީތިކޮށް ލިޔެވޭ އެއް ލިޔުންކޮޅަކީ، ބިސްމި އެވެ.
މަޞްދަރުތައް: ތާރީޚުލް ޚައްޠުއް ޢަރަބީ (ފޮތެއް) އިސްލާމް އޮންލައިން. ވިކިޕީޑިއާ. ޢިރާޤުގެ ސަލާމް މުންތަދާ. www.portsaid-online.com
|
| ހަމަ މި ގަލަމުން |
|---|